އިސްލާމީ ޝަރީޢަތަކީ ކަނޑާ
ވައްޓާލާ ރުކެއްހެން ޤާއިމުކުރެވޭނެ އެއްޗެއް ނޫނެވެ.
(The English language article on this topic will be published soon, inshallah.)
ދިވެހިރާއްޖެއަކީ
ޒަމާނުއްސުރެ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮވެފައިވާ
ޤައުމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި ހަދާ، ޢަމަލުކުރާ ޤާނޫނުތަކަކީ
އިސްލާމީ ޝަރީޢަތާ އެއްގޮތް އެޝަރީޢަތާ ފުށުއެރުމެއް ނެތް ޤާނޫނުތަކެއް ކަމުގައި
ވާން ޖެހޭނެ ކަމީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ
ކަމެކެވެ. އެހެން ނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަން ޖެހެނީ އިސްލާމީ ޝަރީޢަތް
ޤާއިމުކުރުމުގެ ވާހަކައަކީ ދިވެހިރާއްޖޭގައި ހަމައެކަނި މޫސުން މޫސުމަށް، ވައިޖެހޭ
މިސްރާބާއި ބާރުމިނަށް ބަލައި އޮއިވަރު ހުރި ނެތް ދިމައެއް ބަލާފައި ދެކެވޭ
ވާހަކައެއްކަމެވެ. މާލެތެރޭގައި މާރާމާރީ ގިނަވާ ދުވަސްވަރަށް، ރާއްޖޭގެ
ކޮންމެވެސް ހިސާބެއްގައި އަނިޔާވެރިކަމުން ހައްދު ފަހަނައަޅާފައިވާ ޖަރީމާއެއް
ހިނގާ ދުވަސްވަރަށް ޖަހާ މައިތިރިއަކަށް ވެފައިވާކަމެވެ.
އިސްލާމީ
ޝަރީޢަތުގެ ވާހަކައާއ ޝަރީޢަތް ތަންފީޒުކުރާ ވާހަކަ މިއަދު ދައްކަން މިޖެހުނީ، އިސްލާމީ ޝަރީޢަތް
ތަންފީޒުކުރުމުގެ ނަމުގައި ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކަ
ތިންވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހުގައި ދެކެވެން ފެށުމުންނެވެ. ފުރަތަމަ
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ހުށަހެޅުއްވާ އަނބުރާ ގެންދެވި ބިލު، މިނިވަން
މެންބަރަކު ހުށަހަޅުއްވާ އަނބުރާ ނަންގަވާފައި މިހާރު މިއޮތީ ޕީޕީއެމަށް
ނިސްބަތްވާ މެމްބަރަކު ހުށަހަޅުއްވާފައެވެ. މިބިލު މަޖިލިހަށް ހުށަހަޅާ ކޮންމެ
ފަހަރެއްވެސް ދިމާވަނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުށްކުރުން ގިނަވެ
އެމައްސަލަ ބޮޑުވެގެން އުޅޭ ދުވަސްވަރަކަށެވެ. ހަމައެހެންމެ މިބިލު ހުށަހަޅުއްވާ
މައިގަނޑު އެއް ސަބަބަކަށް ވަނީ 'ކުށްކުރުން މަދު ކުރެވޭނީ އިސްލާމީ ޝަރީޢަތް
ޤާއިމުކޮށްގެންކަމަށް' ބިލު ހުށަހަޅާ މެމްބަރަށް އިލްހާމުވެ ވަޑައިގަތުމެވެ.
ކޮންމެއަކަސް،
މިބިލަށް ޤާނޫނީގޮތުން ނަޒަރު ހިންގާލާއިރު، ބިލަކީ މާފުދިނުމާއި އަދަބު ލުއިކޮށް
ދިނުމުގެ ޤާނޫނުގެ 21 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅޭ ބިލެކެވެ. އިޞްލާޙު
ހުށަހެޅިފައިވާ މާއްދާއަށް ބަލާލާއިރު އެމާއްދާގައި ވަނީ، ދިވެހިރާއްޖޭގެ ޝަރުޢީ
ކޯޓުތަކުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކޮށްފިނަމަ، 'އެޙުކުމް ނިސްބަތްވާ މީހާ
ހުރި ޙާލަތަށާއި، ކަމާގުޅޭ ޝަރުޢީ އުސޫލުތަކަށާއި ، ދައުލަތުގެ މަސްލަޙަތަށާއި، އިންސާނިއްޔަތުގެ
ހަމަތަކަށް ބަލައި، އޭނާގެ ޙުކުމް، ޢުމުރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް ބަދަލުކުރުމުގެ އިޚްތިޔާރު
ރައީސުލްޖުމްހޫރިއްޔާއަށް... ލިބިގެންވާ' ކަމުގައެވެ. މިމާއްދާއިން
ރައީސުލްޖުމްހޫރިއްޔާއަށް ލިއްބައި މިދޭ އިޚްތިޔާރަކީ އިސްލާމް ދީނުގައި
ކަނޑައަޅުއްވާފައިވާ މަރަށް މަރު ހިފުމުގެ މައްސަލާގައި އެއްވެސް ގޮތަކުން
ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާނެ ޙައްޤެއް ނޫނެވެ. ސަބަބަކީ އިސްލާމީ
ޝަރީޢަތުގައި ވާގޮތުން ޤަޞްދުގައި މީހަކު މެރިކަމުގެ ޙުކުމް، އިސްލާމީ ހަމަތަކުގެ
މަތިން މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެކުށްވެރިޔާއަށް މާފުދިނުމުގެ
އިޚްތިޔާރު އޮންނާނީ ހަމައެކަނި މަރުވެދިޔަ މީހާގެ ވާރުތަވެރިންނަށެވެ. އެމީހުން
ކުށްވެރިޔާއަށް މާފުނުދޭހާ ހިނދަކު ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު
ތަންފީޒުކުރުމަކީ ވެރިޔާގެ މައްޗަށް ލާޒިމުކަމެކެވެ.
މިކަން
މިހެން އޮތްކަމުގައި ވިޔަސް، މަރުގެ ޙުކުމެއްގެ ވާހަކަ ދެއްކުމުގެ ކުރިން ބަލާލަން
ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ސުވާލަކީ، އިސްލާމީ ޝަރީޢަތަކީ
ހަމައެކަނި މަރުގެ ޙުކުމް ތަންފީޒުކުރުން ހެއްޔެވެ؟ ޑިމޮކްރަސީއެއްގައި ވެރިކަން
ފެށެނީ ރައްޔިތުންގެ ފަރާތުންނޭ، ނިމޭނީވެސް ރައްޔިތުންނާ ހަމައިންނޭ ބުނެވޭ
ބީދައިން، އިސްލާމީ ޝަރީޢަތް ފެށެނީ އަދި ނިމެނީވެސް މަރުގެ ޙުކުމާ ހަމައިން
ހެއްޔެވެ؟ އިސްލާމީ ޝަރީޢަތުގައި ކުށް ކުރުމާ މީހުން ދުރުކުރުވުމަށް
ކަނޑައަޅުއްވާފައިވާ އެންމެ މުހިއްމު އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ މަރު
ހެއްޔެވެ؟ ނުވަތަ ޖިނާއީ ޙުކުމްތަކެއް، އަދި ވަކިން ޚާއްޞަކޮށް އިންސާނާގެ
ނަފްސާއި ދިރިހުރުމަށް އޭގެން އަސަރު ކުރުވާ ޙުކުމްތަކެއް، ޤާއިމުކުރުމުގެ ކުރިން
ޤާއިމުކުރަން ޖެހޭ އަޚުލާޤީ ތަރުބަވީ ޙުކުމްތަކެއް އިސްލާމް ދީނުން
ކަނޑައަޅާފައިވޭ ހެއްޔެވެ؟
އިސްލާމް
ދީނުގައި ޙައްދުތަކެއް ކަނޑައަޅުއްވާފައި އެބަވެއެވެ. އެޙައްދުތައް
އިންކާރުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެކަމެއް ނޫނެވެ. އެހެންނަމަވެސް،
ހަދާންކޮށްލަން ޖެހޭ ކަމަކީ، އެޙައްދުތައް ކަނޑައަޅުއްވާފައިވަނީ އިސްލާމީ
މުޖުތަމަޢެއްގައި ކޮންމެހެން ހުންނާނެ އަޚްލާޤީ ހަމަތަކެއް ރައްކާތެރި
ކުރުމަށްޓަކައެވެ. އަޚްލާޤީ ހަމަތަކެއް މުޖުތަމަޢުގައި އަށަގެންނެވުމަކަށް ނޫނެވެ.
މުޖުތަމަޢުގައި އަޚްލާޤީ ހަމަތަކެއް އަށަގެންނެވުމަކީ ތަރުބަވީގޮތުންނާއި
އިޖްތިމާޢީ ގޮތުން މަސައްކަތްތަކެއް ކުރެވިގެން ކުރަން ޖެހޭ ކަމެކެވެ. ޖިނާއީ
ޢަދުލަކީ އޭގެ ފަހުން އަންނަން ޖެހޭ މަރުޙަލާއެކެވެ.
ދިވެހިރާއްޖޭގައި
މަރުގެ ޙުކުމް ތަންފީޒުކުރުމަށް ތާއީދުކުރައްވާ ބޭފުޅުން އެބޭފުޅުންގެ
ވިސްނެވުމަށް ބާރުދެއްވުމަށް ބޭނުންކުރައްވާ އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި
ކުށްކުރުން ގިނަވުން ކަމަށް ވާއިރު، އަޅުގަނޑަށް ފެންނަ ފެނުމުގައި އެކަމުން
ދައްކުވައިދެނީ އިސްލާމީ ހަމަތަކުން ބަލާއިރު ދިވެހި ރާއްޖޭގައި މަރަށް މަރު
ނުހިފޭނެކަމެވެ.
ދިވެހިރާއްޖޭގައި
މިހާތަނަށް ކުރެވިފައިވާ ސަރވޭތަކާއި ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި
ކުށްކުރުން ގިނަވާ ސަބަބުތައް ބައިވަރެވެ. ޢާއިލާ ރޫޅުމާއި، ގެދޮރުގެ ދަތިކަން
ކުރިމަތިވުމާއި، ކުރާނެ މަސަައްކަތެއް ނެތިފައި ލާޗާރު ބިޗާރަށް އުޅޭ ޒުވާނުން
ގިނަ ވުމާއި މިހިރަ މިހިރަ ކަންކަމަކީ ހުސް ކުށްކުރުން ގިނަވުމަށް ކެދުވެރިވާ
ސަބަބުތަކެވެ. މިހުރިހާ ކަމެއް ވެފައިމެ، ޙަޤީޤަތުގައި ކުށްކުރުމަށް ބާރު ދޭ
އެންމެ ބޮޑު ކަމަކީ އީމާންތެރިކަމާއި އިސްލާމްވަންތަކަމުގެ މައްޗަށް ބިނާވެފައިވާ
ތަރުބިއްޔަތެއް އެތައް ޖީލަކުންސުރެ ދަރިންނަށް ދެވިފައި ނެތުމެވެ.
މީހުން
މަރާ ހިސާބަށް ކަންކަން ދަނީ މީހުންގެ ޖިސްމަށް ގެއްލުންވާ ކުދިކުދި
އަނިޔާކުރުމަކީ 'އޯކޭ' ކަމެއް ކަމަށް ބެލުމަށް ފަހުގައެވެ. އަންހެންވެރިންގެ
ޢިއްފަތްފޭރޭ ހިސާބަށް ކަންކަން ދަނީ ގޯޅި ގޯޅި ކަންމަތީގައި ގުރޫޕުހަދައިގެން
ތިބެ މަގުމަތިންދާ އަންހެނުންނާ ފޮށި އެކަން ހުއްޓުވާނެ މީހަކު ނެތޭ ހިސާބަށެ
ޙާލަތު ދިއުމަށް ފަހުގައެވެ. ޒިނޭގެ ބޮޑު ޖަރީމާއަށް އަރާ ހިސާބަށް ކަންކަން ދަނީ
ސްކޫލުތެރޭން ފެށިގެން ސިއްރު ސިއްރުން އެކަހެރިން 'މީޓް' ކުރުމާއި 'ޑޭޓް'
ކުރުމަށް ފަހުގައެވެ. ގޭތެރެއިން ދަރިންނަށް ދެވޭ ތަރުބިއްޔަތުގައި ހުންނަ ވަރަކީ
'މަގޭ ދޮންފުތު މީހެއް ގައިގައި ޖެހިޔަސް ނުޖަހާނެ' ކަމުގެ ތަރުބިއްޔަތެވެ.
'ފިރިހެންކުދިން ދެން އެހެން ބައެއް ފަހަރު ރީތި އަންހެންކުދިންނާ ކުޑަ ކޮށް
ފޮށޭނެ ނޫންހޭ'ގެ ތަރުބިއްޔަތެވެ. ބިޓު 'މީޓް' ކުރަން އައިމާ ކޮޓަރިތެރެ މުޅިން
ހުސްކޮށްލާފައި 'ޕްރައިވަސީ'ދީފައި މަންމަމެން ބައްޕަމެން ބޭރަށް ދާ
ތަރުބިއްޔަތެވެ.
ރާއްޖޭގެ
މީހުން ބައިބޯ ރަށްރަށުގައި، ވަކިން ޚާއްޞަކޮށް މާލޭގައި، މީހުން ދިރިއުޅެނީ
ކުދިކުދި ކޮޓަރިތަކުގައެވެ. މަންމައާއި ބައްޕަގެ މެދުގައި ޢާއިލީ މައްސަލަ
ހޫނުވެގެން ކުއްޖާ ބޭރަށް ނިކުމެލާއިރު ނިކުންނަން އޮންނަނީ ގެއިން ބޭރު
ގޯޅިގަނޑެވެ. އެތާގައި ތިބެނީ 'ޕީސް' ވިއްކާ ވިޔަފާރިވެރިންނެވެ. ކޮންމެވެސް
ކަންމައްޗެއްގެ ނަމުން ނަން ކިޔޭ ގްރޫޕެކެވެ. އެކުދިންނާ އެކު ކުއްޖާ އުޅެން
ފަށަނީ މައިންބަފައިންނަށް ރަގަޅަށް ނުބެލުނީތީއެވެ. އަޅާނުލެވުނީތީއެވެ.
ގޭންގުތެރެއަށް 'އިނިޝިއޭޓް'ވެ ނިމުމުން ދެން ނިކުންނާނެ ގޮތަކީ ނެތްގޮތެވެ.
ގޭންގަށް މީހުން ދައްކަން ޖެހޭ ދަރަނި ޚަލާޞްކުރުމަށާއި، ގޭންގުގެ މެންބަރުންނަށް
ނުވަތަ ގޭންގާގުޅުން ހުރި މީހުންނަށް އުދަގޫކުރާ މީހުންގެ ކިބައިން ބަދަލު
ހިފުމަށް މަސައްކަތްކުރުމަކީ ގޭންގުގެ މެންބަރުންގެ ވާޖިބެކެވެ. އެހެންވީމާ
އެވާޖިބުވެސް އަދާކުރަން ޖެހެއެވެ. ވާޖިބު އަދާކުރުމަށް ފަށާ މާރާމާރީއިން
ތަރުބިއްޔަތުވެގެން ކުއްޖާ ބޮޑުވެގެން އަންނަނީ 'ބޮސް'އަކަށް 'ޑޮން'އަކަށް
ވެގެންނެވެ.
ދިވެހި
ޢާއިލާތަކަށް ރަގަޅު ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްނުދެވި ވާއިރު،
މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި
ވާއިރު، ސްކޫލްތަކުން އިސްލާމީ ތަރުބިއްޔަތު ދިވެހި ދަރިންނަށް ނުދެވި ވާއިރު، އިސްލާމީ
ޙައްދު ޤާއިމްކޮށްގެން ރައްކާތެރިކުރާނެ އަޚްލާޤީ ހަމަތަކެއް މުޖުތަމަޢުގައި އަށަގަނެފައިވާކަމަށް
އަޅުގަނޑުމެންނަށް ދަޢުވާކުރެވޭނެތޯއެވެ؟ ފަޤީރުކަމުގެ އިންތިހާއަށް ގޮސްފައިވާ
މީހާ ކުރާނެ އެއް ކަމެއް ނެތިގެން ވައްކަން ކުރީމާ އޭނާގެ އަތްވެސް ކަނޑާނީތޯއެވެ؟
މާތްﷲ
ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚަލީފާކަމުގައި ފައިސާވެރި ވިޔަފާރިވެރިއަކު
އަމީރުލް މުއުމިނީންގެ އަރިހަށް ޙާޟިރުވެ، އޭނާގެ އަޅަކު އޭނާގެ މުދަލުގެ ތެރެއިން
ޖަމަލެއް ވަގަށް ނެގިކަމުގެ ޝަކުވާ ހުށަހަޅައި އެއަޅުމީހާގެ މައްޗަށް ޙައްދު
ޤާއިމުކޮށް ދެއްވުމަށް އެދި ދެންނެވިއެވެ. ނަމަވެސް، ޢުމަރުގެފާނު ޝަކުވާ ހުށަހެޅި
މީހާއަށް ރައްދު ދެއްވީ ސާހިބެއްގެ ގޮތުން އަޅުމީހާއަށް އޭނާ ފުއްދައި ދޭން
ކޮންމެހެން ޖެހޭ ކަންކަން އޭނާ ފުއްދައިދީފައި ނެތް ކަމުގައެވެ.
ހަމަ
އެހެންމެ، މުސްލިމުންގެ މައްޗަށް ހަނަފަސްކަމާ ބަނޑުހައި ހޫނުކަން އައި އަހަރެއްވެސް
ޢުމަރުގެފާނުގެ ޚަލީފާކަމުގައި ކުރިމަތި ވިއެވެ. އެއަހަރު ޢުމަރުގެފާނު ވައްކަންކުރުމުގެ
ޙައްދު ޖައްސަވާފައި ނުވާކަން އިސްލާމީ ތާރީޚުން ސާބިތުވެއެވެ. މިއަދު ދިވެހި
މުޖުތަމަޢަށް ކުރިމަތިވެފައި މިވާ އިޖްތިމާޢީ އަދި އަޚްލާޤީ ހަނަފަސްކަމާއި
ތަދުމަޑުކަމުގެ ތެރޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ވާހަކަ ދެއްކުމަކީ
މޮޔަކަމަަކަށް ނޫނީ ނުވާނެއެވެ.
ދިވެހި
މުޖުތަމަޢު މިއަދު މިއޮތް ޙާލަތުގައި އޮއްވާ ދިވެހިރާއްޖޭގައި މަރުގެ ޙުކުމް
ތަންފީޒުކުރުމަށް ބާރު އަޅުއްވާ ބޭފުޅުން، ވަކިން ޚާއްޞަކޮށް ދީނީ ޚިޔާލުގެ
ބޭފުޅުން، ދައްކަވާ ވާހަކައިގައި ހިމެނޭ ދެކޮޅުނުޖެހޭ ކަމެއް ވަކިން
ފާހަގަކޮށްލާނަމެވެ. މިކަން ފާހަގަ ކުރަން މިޖެހެނީ މިވާހަކަ އެކި ގޮތްގޮތުން
ދެކެވޭ އަޑު އަޅުގަނޑަށް އިވިފައިވާލެއް ގިނަކަމުންނެވެ. އެބޭފުޅުން ވިދާޅުވަނީ
ކުށްކުރުން މަދުކުރެވޭނީ މަރަށް މަރު ހިފައިގެން ކަމުގައެވެ. މީގެއިތުރުން،
އެބޭފުޅުން ވިދާޅުވަނީ ހުޅަނގުގެ ޤައުމުތަކުގައި ކުށްކުރުން ގިނައީ އެޤައުމުތަކުގައި
އިސްލާމީ ޝަރީޢަތް ޤާއިމްކުރެވިފައި ނެތުމުން ކަމުގައެވެ. އެއަށްފަހު، މަރަށް މަރު
ހިފުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފުކަމެކޭ ބުނާ މީހުންނަށް ރައްދުދީ އެބޭފުޅުން
ވިދާޅުވަނީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައިވެސް މަރަށް މަރު ހިފާކަމުގައެވެ.
އެމެރިކާގެ
ބައެއް ސްޓޭޓްތަކުގައި މަރަށް މަރު ހިފާ އިރުވެސް މީހުންމެރުމުގެ ކުށް ހަމަ
އެސްޓޭޓްތަކުގައި އެހާ ގިނަވުމުން، ދައްކުވައިދެނީ ހަމައެކަނި މަރަށް މަރު
ހިފުމުން ކުށްކުރުން މަދު ނުކުރެވޭނެކަމެވެ. އަދި ކީއްތޯއެވެ؟ 1990 ގެއަހަރުތަކުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ހިނގާފައިވާ ޤަޞްދުގައި މީހުންމެރުމުގެ ޖަރީމާތަކަށް ބަލާއިރު، މަރަށް މަރު ހިފުމުގެ ޤާނޫނެއް ނެތްސްޓޭޓްތަކުގައި މީހުން މެރުމުގެ ޖަރީމާ ހިނގާފައިވަނީ މަރަށް މަރު ހިފުމުގެ ޤާނޫނުއޮންނަ ސްޓޭޓްތަކަށް ވުރެ މަދުންކަން ފާހަގަކުރެވެއެވެ. އެހެންކަމަށް ވާއިރު ހަމަ
އެކަނި މަރަށް މަރު ހިފައިގެން ކުށްކުރުން މަދު ކުރެވޭނެ ކަމަށް އަޅުގަނޑުމެންގެ
ތެރެއިން ބަޔަކު މި ހީކުރަނީ ކޮން ކަހަލަ ހެއްކެއްގެ މައްޗަށް ބިނާކޮށްތޯއެވެ؟
ކުށްހީފުޅެއް
ނުކުރައްވާށެވެ! އަޅުގަނޑު މިއުޅެނީއަކީ މަރުގެ ޙުކުމް ތަންފީޒުކުރުމާ ދެކޮޅު ހަދާކަށް
ނޫނެވެ. ޙައްދުތައް ޤާއިމްކުރުމާ ދެކޮޅެއްވެސް ނަހަދަމެވެ. ޤަބޫލުކުރަމެވެ.
ޙައްލަކީ އިސްލާމްދީނެވެ. ނަމަވެސް އިސްލާމީ ޝަރީޢަތަކީ ހަމައެކަނި މަރަށް މަރު
ހިފުމާއި ޙައްދު ޤާއިމްކުރުން ކަމަށް ދޭހަވާ ގޮތަށް އަޅުގަނޑުމެންގެ ޢަމަލާއި
ބަސްމަގު ހުރެގެން ނުވާނެއެވެ. އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަކީ ރުކެއް ކަނޑާ
ވައްޓާލުން ފަދަ ފަސޭހަ ކަމެކޭ ހީކޮށްގެން ނުވާނެއެވެ.
ކަމަނާގެ ވާހަކަ އޮމާންވެފައި ފޮންޏެވެ. އެހެން ނަމަވެސް، މަރަށް މަރު ހިފުމަކީ އެކުރި ކުށުގެ ހައްގު އަދަބުކަމަށް ނުވާނެ ގޮތެއް ނުވާނެއެވެ. އަދި ކުށްވެރިޔާ އެހެން މީހަކަު މަރާލެވޭ ހިނދު އެގެއްލިދަނީ ތިމާގެ ފުރާނަކަންވެސް އެނގޭނަމަ އެފަދަ ކަމެއް ކުރުމަށް ޖެހިލުން ނުވާނެތޯއެވެ؟ މިހާރު މީހުން މެރުމަކީ މާ ބޮޑު ކަމަކަށް ނުވަނީ ދުވަސްކޮޅަކު ޖަލުގައި އުޅެފައި މިނިވަންވާނެ ކަމުގެ ޔަގީންކަން އޮންނާތީވެއެވެ. ގައިމު، މީހުން މަރާ މީހުން މަރާލެވޭނެކަން އެނގޭނަމަ ދާދި ފަހުން އަންހެން ކުއްޖަކު މީހުން މެރި މީހަކާ އިންނަން ގޮހެއް ވެސް ނުހުރީހެވެ.
ReplyDelete