ޢަދާލަތު ޕާޓީގެ
މެންބަރެއްގެ ޤަލަމުން: ޢިލްމުވެރިން މަޖިލިހުގެ
ބަހާމެދު ފާޑުކިއުމުގެ ނަޒަރެއް
- ޢާއިޝާ ޙުސައިން ރަޝީދު -
2005 ވަނަ
އަހަރުގެ މެދުތެރޭގައި، އޭރުގެ ސަރުކާރަށް އެކި ދިމަދިމާލުން ކުރިމަތިވި ފިއްތުންތަކާވިދިގެން ސިޔާސީ
ޕާޓީތައް އުފައްދައި ޙަރަކާތްތެރިވުމުގެ ހުއްދަދެވުމާ ގުޅިގެން އެންމެ ފުރަތަމަ
ވުޖޫދަށް އައި ޕާޓީތަކުގެ ތެރޭގައި ޢަދާލަތު ޕާޓީ ހިމެނެއެވެ. ޢަދާލަތު ޕާޓީއާއެކު
އުފެދުނު އަނެއް ދެ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
(އެމްޑީޕީ)އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާ ޚިލާފަށް ޢަދާލަތު ޕާޓީ
ނިކުތީ ސިޔާސީ ވެށީގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއި ދީނީ
އުޞޫލުތަކުގެ ބިންގަލެއް އޮންނަންޖެހޭ ކަމަށް ބުނެ ދީނީ ޢިލްމުވެރިންތަކެއް ކުރީގައި
ތިބެގެންނެވެ. މިކަން ޢަދާލަތު ޕާޓީގެ ރުކުންތަކަށް ބަލާލި ކަމުގައި ވިޔަސް ވަރަށް
ފާޅުކަން ބޮޑު ގޮތެއްގައި ދޭހަވެގެން ދެއެވެ.
ޢަދާލަތު
ޕާޓީއަކީ ޕާޓީ ވުޖޫދަށް އައިއްސުރެ ދީނީ ޢިލްމުވެރިންގެ ބަހަށް ޚާއްޞަ އިތުބާރެއް
ދީގެން ޢިލްމުވެރިންގެ މަޖިލިހެއް އުފެއްދި ހަމަ އެކަނި ޕާޓީއެވެ. 2005ވަނަ
އަހަރުގެ އޮގަސްޓު މަހުގައި ޕާޓީއިން ޢާާންމުކޮށްފައިވާ ޢަދާލަތު ޕާޓީގެ އަސާސީ
ޤަވާޢިދުގެ 25ވަނަ މާއްދާގައި ވަނީ ޕާޓީގެ އެއްވެސް ދާއިރާއަކުން އިސްލާމް ދީނާ
ޚިލާފުވާފަދަ ކަމެއް ކުރާ ނަމަ، އެކަމެއް ހުއްޓުވުމުގެ ބާރާއި މަސްއޫލިއްޔަތު
ޢިލްމުވެރިންގެ މަޖިލިހާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން ދިވެހި މުޖުތަމަޢުގައި
ދީނާ ޚިލާފު ކަމެއް ހިނގާނަމަ އެކަމާ ބެހޭ
ގޮތުން ޕާޓީގެ ނަމުގައި ޤަރާރު ނެރުމުގެ ބާރާއި މަސްއޫލިއްޔަތުވެސް ވަނީ
ޢިލްމުވެރިންގެ މަޖިލިހާ ޙަވާލުކޮށްފައެވެ.
މިދެންނެވި
އަސާސީ ޤަވާޢިދު އިޞްލާޙުކޮށް 2011 ވަނަ އަހަރުގެ އޭޕްރިލް މަހު ޕާޓީއިން
ޢާންމުކޮށްފައިވާ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 16 ވަނަ މާއްދާގައި އިތުރު އެހެން
މަސްއޫލިއްޔަތުތަކަކާ އެކު، މަތީގައި ދެންނެވި މަސްއޫލިއްޔަތުތަކާއި ބާރުތައް
ޢިލްމުވެރިންގެ މަޖިލިހާ ޙަވާލުކޮށްފައި ވެއެވެ. ހަމަ އެއާ އެކު ޕާޓީގެ މަޝްވަރާ
މަޖިލިހުން ނިންމާ ނިންމުންތައް ބަދަލު ކުރުމުގެ (ވީޓޯކުރުމުގެ) ބާރުވެސް
ޢިލްމުވެރިންގެ މަޖިލިހަށް މިދުސްތޫރުން ލިއްބައިދެއެވެ.
މާނައަކީ،
ޢިލްމުވެރިންގެ މަޖިލިހަކީ ޢަދާލަތު ޕާޓީގެ އެތެރޭގައި ދީނާ ޚިލާފު ކަމެއް ހިނގާ
ނަމަ އެކަމެއް ހުއްޓުވުމުގެ ބާރާއި، ޕާޓީއިން ބޭރުގައި އެފަދަ ކަމެއް ހިނގާ ނަމަ އެކަމަކާ
މެދު ޢަދާލަތު ޕާޓީގެ ބަސް އިއްވުމުގެ ބާރު ލިބިފައިވާ ޕާޓީގެ ތެރޭގައި ވަރަށް
ގިނަގުނަ ބާރުތަކެއް ލިބިފައިވާ މަޖިލިހެއް ކަމެވެ. އެހެނަސް، ހިތާމައާ އެކު
ފާހަގަ ކުރަން ޖެހެނީ ދިވެހިރާއްޖޭގެ މަސްރަޙުގައި އިސްލާމްދީނާ ޚިލާފު، ނުވަތަ އިސްލާމްދީނާ
ޚިލާފުކަމަށް ބުނެވޭ، އެތައް ކަމެއް ހިނގައި ދިޔައިރު ޢަދާލަތު ޕާޓީގެ
ޢިލްމުވެރިންގެ މަޖިލިހުގެ ބަހެއް އެންމެ ތިން ފަހަރު މެނުވީ އިވިފައި ނެތް
ކަމެވެ. މަޖިލިހުގެ ބަހެއް އިވޭނީ ކިހިނެއްތޯއެވެ؟ ދުސްތޫރުން ޢިލްމުވެރިންގެ
މަޖިލިހުގެ ހިންގާ ޤަވާޢިދެއް ދުސްތޫރު ފާސް ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި
ފާސްކުރަން ލާޒިމުކުރާ އިރު، އެފަދަ އެއްވެސް ޤަވާޢިދެއް މިއަދާ ހަމައަށްވެސް
ޢަދާލަތު ޕާޓީއިން ޝާއިޢުކޮށްފައި ނުވެއެވެ.
މިހެން
އޮތުމަށްފަހު، މިހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މަޖިލިހުން ވަނީ އެ
ހަމަހިމޭންކަމަށް ނިމުމެއް ގެނެސްފައެވެ. 'ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާ'
ބެހޭގޮތުން 'ބަހެއް' ބުނެފައެވެ.
ޙަމްދު
ޞަލަވާތަށް ފަހު ޢިލްމުވެރިންގެ މަޖިލިހުން ނެރެފައިވާ ބަޔާނުގައި އެންމެ
ފުރަތަމަވެސް ބުނެފައިވަނީ ޤައުމުގައި ހަމަނުޖެހުން ހިނގަމުން މިދަނީ މިމަހު 16 ވީ
ހޯމަ ދުވަހުގެ ރޭ ދިވެހި ސިފައިންގެ ޓީމަކުން ގޮސް، ކްރިމިނަލް ކޯޓުގެ އިސް
ފަނޑިޔާރު ކަމުގައި ހުންނެވި ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމުގެ ސަބަބުން
ކަމުގައި ދެކޭ ކަމުގައެވެ.
ގަދަ
ނިންޖަކުން ނިދާފައި އޮތް މިމަޖިލިސް، ޤާޟީ ޢަބްދުﷲ ހައްޔަރުކުރުމުން ލިބިގެންދިޔަ ކުއްލި ސިހުމަކާއެކު
ހޭލިފަދައެވެ. 2010 ވަނަ އަހަރުއްސުރެ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ ދޭތެރޭ އެކި
އެކި ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކާއި ތުހުމަތުތައް ޢިލްމުވެރިންގެ
މަޖިލިހުގެ މެންބަރުންނަށް ތޯތޯ ވާހަކައެއްގެ ގޮތުގައިނަމަވެސް އިވިފައި ނުވާ
ކަހަލައެވެ. 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި، ފަނޑިޔާރުންނާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލިހުން
ފާސްވެފައި ނެތީސް، ކުއްލި
ގޮތަކަށް،
ނުވަގުތެއްގައި ދަށު ކޯޓުތަކުގައި އިންތިޤާލީ މަރުޙަލާގައި ތިއްބެވި ހުރިހާ
ފަނޑިޔާރުން ތަޢުލީމީ ފެންވަރަކަށް، އަޚުލާޤީ ސުލޫކީ މިންގަނޑަކަށް ބެލުމަކާނުލާ ދާއިމީކުރުމުން، އެވަގުތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި
ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުގެ ގޮތުގައި ހުންނެވި ޢާއިޝަތު ވެލެޒިނީއާއި
ޢާންމުންގެ ތެރެއިން ޢައްޔަންކުރެވިފައި ހުންނެވި މެންބަރު އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން
އެކި ގޮތްގޮތުން މީޑިޔާގައި ދެއްކެވި ވާހަކަފުޅުތައް އެބޭފުޅުންނާ ހަމައަށް
ފޯރާފައިވެސް ނެތް ފަދައެވެ. ޖޭއެސްސީން ޤާޟީ ޢަބްދުﷲގެ ސުލޫކީ މައްސަލައެއް
ސާބިތުވާ ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނިންމުމުން، އެކޮމިޝަންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ސިވިލް ކޯޓުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް
ކޯޓުތަކުގެ ބަލަދުވެރި ފަރާތްކަމަށް ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ޖޭއެސްސީގެ
މައްޗަށް ހުސްވި އަހަރުގެ ނޮވެމްބަރ މަހުއްސުރެ އަމުރު ނެރެފައިވާ ކަން
އެބޭފުޅުންނަށް ރޭކާވެސް ލާފައި ނުވާފަދައެވެ.
ދިވެހި
ރާއްޖޭގެ ކްރިމިނަލް ކޯޓުން ޤާނޫނުލް ޢުޤޫބާތުގެ 125 ވަނަ މާއްދާ (ހަދަހަދައިގެން
ދޮގު ވާހަކަދެއްކުމަކީ ޒަރީމާއެއް ކަމަށް ކަނޑައަޅާ އެ ޖަރީމާގެ މައްޗަށް އަދަބު
ކަނޑައަޅާ މާއްދާ) ޤާނޫނުއަސާސީއާ ޚިލާފުވާ ކަމަށް ވިދާޅުވެ ބާޠިލުކުރެއްވި އިރު،
އެޙުކުމާމެދު ޢިލްމުވެރިންގެ މަޖިލިހުން ބަހެއް ބުނެވިފައި ނުވަނީ އެޙުކުމް، އިސްލާމް ދީނާ ކިހާ ވަރަކަށް ފުށުނާރާތީތޯއެވެ؟
ކްރިމިނަލް ކޯޓުގައި ޙުކުމްކުރެއްވުމަށް ޤާޟީ ޢަބްދުﷲ މިނިވަންކަމާއެކު ހުންނެވި
ދުވަސްވަރު، މީހަކު މަރައިގެން ކޯޓަށް ޙާޟިރުކުރެވުނު މުއްތަހަމަކު، ސަރުކާރުގެ
ވަޒީރަކު ޒިންމާދާރު ކުރެއްވުމަށް ކަމުގައި ވިދާޅުވެ މިނިވަންކުރެއްވުމުން
ޖެހިގެންހުރި ދުވަހު ހަމަ އޭނާ ގޮސް އިތުރު މީހަކު މަރާލި އިރު ދިވެހިރާއްޖޭގެ
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމު ސަލާމަތް ކުރެއްވުމަށް މަޖިލިހުން
ތެދުވެވަޑައި ނުގެންނެވީ، އެދުވަހު ޢަދުލު އިންޞާފު ޤާއިމުކުރުމަކީ އިސްލާމް
ދީނުގެ އަޞްލަކަށް ނުވީތޯއެވެ؟ އެއަށްވުރެވެސް ކުރިން، މުރޫއަތްތެރިކަމުގެ
ކަންފުޅެއްވެސް ނެތް މީހަކު، ފަނޑިޔާރަކަށް ޢައްޔަންކުރެވުނު އިރު، ޢިލްމުވެރިންގެ
މަޖިލިހުން ބަހެއް ނުބުނެ އޮތީ، ފަނޑިޔާރުންގައި ހުންނަން ޖެހޭ ސިފަތައް ކަމުގައި
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ސިފަތަކުގެ ތެރޭގައި މުރޫއަތްތެރިކަން
ނުހިމެނެނީ ތޯއެވެ؟
މަޖިލިހުގެ
ބަޔާނުގައި ދެން ބުނެފައިވަނީ ސަރުކާރުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމާ
ދެކޮޅަށް ހިންގަމުންދާ ކަންކަމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް
ހިނގަމުންދާ ކަންކަން ކަމުގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް
ޤާނޫނީވަކީލުން ވިދާޅުވެފައިވާ ކަމުގައެވެ. މިހެން ޢިލްމުވެރިންގެ މަޖިލިހުން
ބުނާއިރު، ޢިލްމުވެރިންގެ މަޖިލިހުން ޤާނޫނީ ކަންކަމުގައި ލަފާ ހޯދަން ޖެހެނީ
ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ކިބައިންތޯއެވެ؟ އެހެންކަމަށް
ވާނަމަ، އެވަކީލުންނަކީ ކޮބައިކަން ނިންމަވާނީ ކިހިނަކުންތޯއެވެ؟
ޢަދާލަތު
ޕާޓީގެ ދުސްތޫރުގެ 36 ވަނަ މާއްދާގައި ބުނާ ގޮތުން ޢަދާލަތު ޕާޓީގައި ޤާނޫނީ އަދި
ސިޔާސީ ކަންތައްތައް ދިރާސާ ކޮށް އެކަންކަމާ މެދު ޕާޓީއަށް ލަފާދޭނޭ ޤާނޫނާއި
ސިޔާސީ ކަންކަމާބެހޭ ދާއިމީ ކޮމިޓީއެއް އޮންނަވާނެއެވެ. ޕާޓީގެ ދުސްތޫރުގެ 53 ވަނަ
މާއްދާގައި ވަނީ އިޞްލާޙުކުރެވިފައިވާ މިދުސްތޫރު ފާސްވެ ޝާއިޢުކުރުމަށް ފަހު ތިން
މަސް ދުވަހުގެ ތެރޭގައި ދުސްތޫރުން ލާޒިމުކުރާ ކަންކަން ކޮށް ނިންމަންވާނެއެވެ.
(ދުސްތޫރު ޝާއިޢުކުރެވިފައިވަނީ 18 އޭޕްރިލް 2011 ގައެވެ.) ޕާޓީގައި ޤާނޫނު
ކިޔަވައިވިދާޅުވެގެން ތިއްބެވި ބޭފުޅުން މަދުން ނަމަވެސް ތިއްބެވުމާއެކު،
މިދަންނަވާ ކޮމިޓީ އޮންނަންވާނީ 2011 ވަނަ އަހަރުގެ ޖުލައި މަސް ނިމޭއިރު
އެކުލަވާލެވިފައެވެ. އަދި، އަޅުގަނޑުގެ ކޮށި ވިސްނުމަށް ފެންނަ ގޮތުގައި،
ޢިލްމުވެރިންގެ މަޖިލިހާއި ޕާޓީގެ ހުރިހާ ގުނަންތަކަށް ޤާނޫނީ ކަންކަމުގައި ލަފާ
ދޭންވާނީ އެކޮމިޓީންނެވެ. ޕާޓީއިންނާއި ޕާޓީގެ ހުރިހާ ގުނަންތަކުން ޤާނޫނީ
ކަންކަމުގައި ބުރަވާން ޖެހޭނީ އެކޮމިޓީއިން ދޭ، އަދި ދޭން ޖެހޭ، ޤާނޫނީ
ލަފައަށެވެ. ދިވެހި ރާއްޖޭގައި ކިތަންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންތަކެއް
ތިއްބަސް، ޤާނޫނާއި ސިޔާސީ ކަންކަމާބެހޭ ކޮމިޓީއިން އެބަހަށް ބުރަވެ ލަފައެއް
ނުދޭހާ ހިނދަކު ޕާޓީގެ އެއްވެސް ގުނަނަކަށް އެފުންނާބު އުސް ޤާނޫނީ ވަކީލުންގެ
ބަހަށް ބުރަވެ ކަމެއް ނުނިންމޭނެ ކަމަށް އަޅުގަނޑުގެ ބައިކުޅަ ބައި ބުއްދިއަށް ޤަބޫލުކުރެވެއެވެ.
ޢިލްމުވެރިންގެ
މަޖިލިހުގެ ބަޔާނުން ދެން ފާހަގަ ކުރެވުނު ކަމަކީ މާލޭގައި ކޮންމެ ރެއަކު
ހިންގަމުން މިދާ ޙަރަކާތްތަކަކީ 'ޞުލްޙަވެރި އެއްވުންތަކެއް' ކަމުގައި
ލޭބަލްކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތެވެ. ބަޔަކު މީހުން ޞުލްޙަވެރި އެއްވުންތަކެއް
ބާއްވާ އިރު، މަގުތަކުގައި އިންދާފައި ހުންނަ ރުއްތައް ވެއްޓެނީ ޞުލްޙަވެރިކަމުގެ
ބޮޑުކަމުންތޯއެވެ؟ ބޮޑެތި ގާ ބުރި ބުރި ސިފައިންނާއި ފުލުހުންނާއި ނޫސްވެރިންނާ
ދިމާއަށް އަމާޒުވަނީ އެތަކެތި، ބިމަށް ދަމާ ބާރު ކަނޑުވާލައި އަމިއްލަ ޒާތުގައި
އުދުހިފައި ދަނީތޯއެވެ؟ އެމްއެންބީސީ ވަން ގެ ނިއުސް ކާސްޓަރެއްގެ ގައިގައި
ލަޓިބުރިތަކަކުން ވީނުވީއެއް ނޭނގި ދެތިން ހަތަރު ބޮނޑި އެޅުނީތޯއެވެ؟ ޢަދާލަތު
ޕާޓީގެ ރައީސް އިސްވެ ހުންނަވައިގެން ސިފައިންގެ ސަފުތައް ފޫއަޅުވާލުމަށް އެއްވެ
ތިބި މީހުންނަށް އިރުޝާދު ދެއްވަމުން ގެންދެވި މަންޒަރު ވީޓީވީއިން ދެއްކީ،
އެމަންޒަރަކީ ހަދާފައިވާ ވީޑިއޯއަކުން ބައެއްތޯއެވެ؟ ޕީޕީއެމްގެ ވަގުތީ ރައީސް
ޢުމަރު ނަޞީރު، އެއްވެފައި ތިބި މީހުންނާ މުޚާޠަބުކޮށް ލޭ އޮހޮރުވުމުގެ ވާހަކަ
ދައްކައި ސީދާ ޙަރަކާތަށް ދާން ގޮވާލީ ލޭ އޮހޮރުވުމަކީ ޞުލްޙަ މަސަލަސް ކަމުގެ
އެންމެ ފުރަތަމަ ރުކުން ކަމުގައިވާތީ ތޯއެވެ؟
މީގެ އިތުރުން،
އިދާރީ ގޮތުން ފާހަގަ ކުރެވޭ ކަމެއް އިތުރުކޮށްލާނަމެވެ. ޢިލްމުވެރިންގެ
މަޖިލިހުގެ ނޫސް ބަޔާންތަކުގެ ޒިންމާ ނަގަނީ ކޮން ބޭފުޅެއްކަން އެއްވެސް ގޮތަކަށް
އެނގޭކަށް ނެތެވެ. ނޫސް ބަޔާން ނެރެނީ މަޖިލިހުގެ ބައްދަލުވުމެއް ބާއްވައި
މެންބަރުންގެ އަޣްލަބިއްޔަތުން ނިންމަވައިގެންތޯއެވެ؟ ނުވަތަ މަޖިލިހުގެ ރައީސް
ނުވަތަ ނައިބު ރައީސް ނޫސް ބަޔާނެއް ނެރުމަށް ނިންމެވުމުން ފުދޭތޯއެވެ؟ މިހިރަ
މިހިރަ ކަންކަމަކީ މަޖިލިހުގެ ހިންގާ ޤަވާޢިދެއް ޝާއިޢުކުރެވިފައިއޮވެ، އެޤަވާޢިދެއްގައި
ލިޔެވިފައި އޮންނަން ވާނެ ކަންތަކެވެ.
މިފަދަ ދޯދިޔާ
ކަންކަން ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުން ފެންނަމުންދާ އިރު، އެކަމުގެ ޒިންމާ
ނަގާނީ ކޮން ފަރާތަކުންތޯއެވެ؟ އަޅުގަނޑު ދެކޭގޮތުގައި މިކަމަކީ ޕާޓީއާއި
ޢިލްމުވެރިންގެ މަޖިލިހުގެ އޭރާއި މިހާރުގެ ލީޑަރޝިޕުން ޒިންމާ ނަގަންޖެހޭ
ކަންކަމެވެ. ޕާޓީއާއި ޢިލްމުވެރިންގެ މަޖިލިހުގެ ލީޑަރޝިޕް ބައެއްގެ އަތްމަތީގައި
އޮވެ ފަސް އަހަރުގެ ދައުރެއް ނިމި، އެހެން ބައެއްގެ އަތް މައްޗަށް ދާއިރު ޕާޓީއާއި
މަޖިލިހުގެ އިދާރީ ކަންކަން އޮންނަންވާނީ މިއަށް ވުރެ ރަނގަޅަށް ހަމަޖެހި
ނިމިފައެވެ. ދެވަނަ ދައުރަށް ޕާޓީގެ ދުސްތޫރު އިޞްލާޙުކުރެވިގެން ފާސްކޮށް
ޝާޢިއުކުރަންވާ އިރަށް ދުސްތޫރުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކުގެ ދެލިކޮޕީއެއް
އޮންނަންވާނީ ތައްޔާރުކުރެވިފައެވެ.
އެއާޚިލާފަށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން އިންތިޤާލީ
މަރުޙަލާ ނިމުނު އިރު ނިންމަން ޖެހޭ ޤާނޫނުތައް ނުނިންމާ ނިޒާމީ ނުކުތާތަކާ
އެތެރޭގެ ކޯޅުންތަކުގައި މަޝްޣޫލުވެ ތިބި ފަދައިން އާ ދައުރަކަށް ޢަދާލަތު ޕާޓީއިން
އިންތިޚާބުކުރެވުނު ބޭފުޅުންގެ ކިބައިންވެސް ފެނިގެން ދިޔައީ ނިމިގެން ދިޔަ
ދައުރުގައި ޕާޓީގެ ހިންގުންތެރިންގެ މެދުގައި އުފެދުނު މައްސަލަތަކެއް ނިންމަން ވެގެން
ނެގި ނިޒާމީ ނުކުތާތަކެއްގައި މަޝްޣޫލުވެ ތިބި ތަނެވެ.
ކޮންމެއަކަސް،
މިއަދު މިފެންނަނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުން ޤާނޫނީ
މައްސަލަތަކުގައި ޕާޓީގެ ޤާނޫނާއި ސިޔާސީ ކަންކަމާބެހޭ ކޮމިޓީގެ ލަފައަކަށް
ބުރަވުމެއް ނެތި ގޮތް ފާޑު ކިޔާތަނެވެ. ދުވާލުގެ އިރު ފެންނަ ފަދައިން ފެންނަން
ހުރި ކަންކަމަކީ ނެތް ކަންތަކެއް ކަމަށް ހެދުމަށް މަސައްކަތްކުރަމުން ގެންދާ
ތަނެވެ. ޢަދާލަތު ޕާޓީގެ ރައީސާ މެދު، ދީނުގައި ޙަރާމް ކުރައްވާފައިވާ އަދި ޙައްދު ކަނޑައަޅާފައިވާ ޤާނޫނީ
ސަރުކާރު ވައްޓާލުމަށް ޤާނޫނާ ޚިލާފަށް ނިކުތުމުގެ ތުހުމަތު ސަރުކާރަށް ނިސްބަތްވެ
ވަޑައިގަންނަވާ ބޭފުޅުން ކުރައްވަމުން ގެންދަވާ އިރެއްގައި އެކަމާ މެދު މުޅިން ޣާފިލުވެ
ތިއްބަވައިގެންނެވެ. ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ، އަދި
ޢިލްމުވެރިންގެ މަޖިލިހުގެ މެންބަރެއް ކަމުގައި ހުންނެވި ބޭފުޅަކާ މެދު ބަދު
އަޚްލާޤީ ޢަމަލުގެ ތުހުމަތު ކުރެވި، އޭނާއަށް ކުރިމަތިކުރެވިފައިވާ ތުހުމަތުތަކުގެ
ސަބަބުން ދިވެހިރާއްޖޭގައި ތިއްބެވި ހުރިހާ ދީނީ ޢިލްމުވެރިންނަށް ލަދުވެތިކަން
ކުރިމަތިވެފައިވާ މިޙާލަތުގައި އެކަމަށް ޖަވާބުދާރީވުމުން ވެސް ރެކި ރެކި
ތިއްބެވައިގެންނެވެ.
މަޖިލިހުގެ
ބަޔާނުގައިވާ ޙަދީޘަށް މަޖިލިހުން ތަބާނުވަނީތޯއެވެ؟ ޕާޓީގެ މޮޓޯކަމުގައިވާ ކީރިތި
ޤުރްއާނުގެ އާޔަތް ހަނދުމަފުޅު ނެތުނީތޯއެވެ؟